އީރާން-އެމެރިކާ ހަނގުރާމައާއި ގުޅޭ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޕާކިސްތާނުން ބުނެފިިި
Arusham Abdulla
އީރާން-އެމެރިކާ ހަނގުރާމައާއި ގުޅޭ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޕާކިސްތާނުން ބުނެފިިި އެެވެ.
ޕާކިސްތާނުގެ ވެރިން ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގުސަދުގައި ތެހެރާންގައި ބޭއްވި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.
މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގޮސްފައިވަނީ ހޯމަ ދުވަހު ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް ސައްޔިދު އަސިމް މުނީރު އާއި ދާޚިލީ ވަޒީރު މުޙައްސިން ނަޤްވީ ތެހެރާނަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅެއްގަ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދަތުރުފުޅަކީ "އެމެރިކާ އާއި އީރާނުގެ މެދުގައި ހިނގަމުންދާ މަޝްވަރާތަކުގެ އުނދަގޫ ހާލަތު ނިމުމަކަށް ގެނެސް، ސަރަހައްދުގައި ދާއިމީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް" ކަމަށެވެ.
ތެހެރާންގައި ހުންނެވި ދުވަސްވަރު މުނީރު ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން، ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ އަދި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙުސިން ރެޒާއީ ހިމެނިވަޑައިގަންނަވާ ގޮތަށް އީރާނުގެ ބައެއް ވެރިންނާ ބައްދަލުކުރައްވާފަ އެވެ.
"ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތައް އަމާޒުކުރެވުނީ މަޝްރަހު އިތުރަށް ގޯސްވުން ހުއްޓުވުމަށާއި، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އަދި މި ހަނގުރާމަ އަވަހަށް ނިންމާލުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް،" ޕާކިސްތާނުގެ އަސްކަރިއްޔާ އިން ނެރިފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
މި ބައްދަލުވުންތަކަށްފަހު، ނަޤްވީ މީސްމީޑިއާ ޕްލެޓްފޯމް އެކްސް ގައި ވިދާޅުވީ، ޕާކިސްތާނުން މެދުވެރިއަކަށްވެގެން އެކުލަވާލި އިންތިގާލީ "އިސްލާމްއާބާދު އެމްއޯޔޫ" އަލުން އިއާދަކުރުމަށް ބޭނުންވާ ފިޔަވަޅުތަކާ މެދު ދެފަރާތުން މަޝްވަރާކުރި ކަމަށެވެ. އަދި ރައީސް ޕެޒެޝްކިއާން އީރާނުގެ ކަންބޮޑުވުންތައް ފުޅާކޮށް ހިއްސާކުރެއްވި ކަމަށާއި، ހުރިހާ މައްސަލަތަކަކަށް ވެސް އެދެވޭ މަޝްވަރާތަކެއް ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައްދަލުވުން ނިމުނީ ވަރަށް އުއްމީދީ ގޮތަކަށް. މި ކުރިއެރުމުގެ ސަބަބުން އިތުރު ފުރުސަތުތަކަށް މަގުފަހިވެ، ސަރަހައްދަށް ދާއިމީ ސުލްހައެއް ލިބޭނެ ކަމަށް އުއްމީދުކުރަން،" ނަޤްވީ ވިދާޅުވިއެވެ.
އީރާނުގެ މީޑިއާ އެޖެންސީ 'ތަސްނީމް' އިން ބުނި ގޮތުގައި، ޕެޒެޝްކިއާން ފާހަގަކޮށްފައި ވަނީ އެމެރިކާއިން ތެހެރާނާ ދެކޮޅަށް ގެންގުޅޭ އުސޫލުތައް ބަދަލުކުރަންޖެހޭ ކަމަށެވެ.
"އެމެރިކާއިން ބިރުދެއްކުމުގެ ބަދަލުގައި، އީރާނާ މުއާމަލާތްކުރުމުގައި ގެންގުޅޭ ރާގާއި އުސޫލު އިސްލާހުކުރަންޖެހޭ،" އޭނާ ވިދާޅުވި ކަމަށް ތަސްނީމުން ރިޕޯޓްކޮށްފައިވެ އެވެ. އަދި އެމެރިކާގެ "ބިރުދެއްކުމުގެ" ސަބަބުން އެމްއޯޔޫ ތަންފީޒުކުރުމުގެ މަރުހަލާ އިތުރަށް ނާޒުކުވެގެންދާނެ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް