ބައްސާމް އަނެއްކާވެސް ގޭބަންދަށް
Arusham Abdulla
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް މައްސަލައިގައި ހިޔާނާތުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މުއްދަތެއް ނެތްގޮތަށް ގޭބަންދަށް ބަދަލުކޮށްފި އެވެ.
އޭނާ ގޭބަންދަށް ބަދަލުކޮށްފައި ވީ ނަމަވެސް، އޭނާ ގޭބަންދަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ވެސް ސިއްހީ ސަބަބުތަކަށްޓަކައި ކަރެކްޝަންސް އިން ވަނީ ބައްސާމް ސިއްހީ ސަބަބުތަކަށްޓަކައި ގެއަށް ބަދަލުކޮށްފަ އެވެ، އެހެން ނަމަވެސް، އެފަހަރު 24 ގަޑިއިރު ވެސް ނުވަނީސް އޭނާ ވަނީ އަނބުރާ ޖަލަށް ބަދަލުކޮށްފަ އެވެ.
ބައްސާމްގެ މައްޗަށް 23 އަހަރަށް ޖަލަށް ލުމަށާއި 44 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ހުކުމް ކްރިމިނަލް ކޯޓުން ކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރެވުނު ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާތައް ސާބިތުވުމުންނެވެ. އެއީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން، އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދައްކާފައިވާ މައްސަލަ އެކެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައްސަލައިގައިވެސް ބައްސާމް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މިދިޔަ ޖޫން މަހު މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އޭސީސީން ބުނެފައިވަނީ ހިޔާނާތްތެރިވި ފައިސާގެ ތެރެއިން 29،000 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ވެސް، ބައްސާމް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް ކޯޓުގައި މިވަގުތު ދަނީ ހިނގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް